ރަމަޟާން މަހަކީ ކެއުމުގެ އާދަކާދަ އާއި ކެއުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލުތަކެއް އަންނަ މައްސަރެކެވެ.
މި މަސް ނިމި ކުރީގެ އާދަކާދަތަކަށް އެނބުރި އަންނަން ބަލާއިރު ބައެއް މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކެއުމުގެ އާދަތައް ކުރީގެ ގޮތަށް ބަދަލުކޮށްލުމެވެ.
ރަމަޟާން މަހަކީ ރޯދަވީއްލުމަށް ފަހު ހާރު ކެއުމާ ހަމައަށް އެއް މަސް ދުވަސް ވަންދެން ކެއުން ވަކި ގޮތަކަށް ވަކި މިންގަނޑަކަށް ގެންގުޅުނު މައްސަރަކަށް ވެފައި ރޯދަ މަސް ނިމުމާ އެކު އެ ޕެޓާން ތަފާތުކޮށްލުމުން ބައެއް މީހުންނަށް އެ ކަމުގައި ދަތިތަކެއް ކުރިމަތިވެއެވެ.
އިންޑިއާގެ ނޫސް މަޖައްލާއެއް ކަމަށް ހިންދުސްތާން ޓައިމްއަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާގެ ޗެންނާއީގެ ޑައިބެޓީސް ސްޕެޝަލްޓީސް ސެންޓަރުގެ ޑރ. ވީ މޯހަން ވިދާޅުވި ގޮތުގައި މި ޕެޓާންއަށް އަންނަ ބަދަލާއެކު އެއްފަހަރާ މާގިނައިން ކެއުމަކީ ބައެއް މީހުންނަށް ކުރެވޭ ކަމެކެވެ.
ރަމަޟާން މަހަށްފަހު ކެއުމުގެ އާދަތަކަށް ގެންނަ ބަދަލާ އެކު އެއްފަހަރާ މާގިނައިން ނުކެއުމަށް ސަމާލުކަން ދިނުން މުހިއްމު--ފޮޓޯ/ޕިންޓްރެސްޓް
އެކަމުގެ ސަބަބުން ކާނާ ހަޖަމުކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެ މެޓަބޮލިކް އިމްބެލެންސްތައް ކުރިމަތިވާނެ ކަމަށް ޑރ. ވީ މޯހަންގެ އިންޓަވިއުގައި ވަނީ ވިދާޅުވެފައެވެ.
ރޯދައަށް ހުންނައިރު ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ އިތުރުކޮށް ހަށިގަނޑުގެ ސަރުބީ އަންދާލާ ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދެއެވެ. ނަމަވެސް އެއް މަސް ފަހުން ކެއުމަށް ގެނެވޭ ބަދަލުތަކާ އެކު ކުއްލިއަކަށް މާގިނަ ކެލޮރީސް ހުންނަ ކެއުންތައް ބޭނުންކުރެވިއްޖެނަމަ އެ ކަމުން ހަށިގަނޑުގެ މެޓަބޮލިކަށް އޭގެ ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މި އިންޓަވިއުގައި ޑރ. ވީ މޯހަން ވިދާޅުވެފައިވެއެވެ.
އެހެންކަމުން ރަމަޟާން މަހަށް ފަހު ކެއުމުގެ ތާވަލު ވަކިގޮތަކަށް ރޭވުމުގައި ސިއްހީގޮތުން ހަށިގަނޑަށް ފައިދާހުރި ގޮތަކަށް އެކަން ކުރުމަށް ސަމާލުކަން ދިނުމަށް ޑރ. މޯހަން ވަނީ އިރުޝާދު ދެއްވާފައެވެ.
ރަމަޟާން މަސް ނިމުމުން ކެއުމަށް ގެނެވޭ ބަދަލުތަކާ އެކު ބަނޑު ފުއްޕުމާއި، ގޭސްޓްރިކް މައްސަލަ ދިމާވުމުގެ އިތުރުން ބަރުދަން އިތުރުވުމަކީ ވެސް ގިނަ ބަޔަކު ތަހައްމަލުކުރާ ކަންކަމެވެ.
މިކަންކަމަށް ހައްލެއް ހޯދަން ބޭނުންވާނަމަ ކެއުމުގައި ވީހާވެސް މަދު ޕޯޝަން ބޭނުންކުރުމަށާއި ހޯލް ގްރެއިން، މޭވާ އަދި ތަރުކާރީގެ ބާވަތްތައް ކެއުމަށް އިސްކަން ދިނުމަށް ޑރ. މޯހަން ވަނީ ލަފާ ދެއްވާފައެވެ.
ހަމައެއާއެކު ކަސްރަތު ކުރުމުގެ އާދަ ހިފެހެއްޓުމަށާއި، ހަށިގަނޑު ހައިޑްރޭޓް ކުރުމުގެ އިތުރުން އެއްފަހަރާ މާގިނައިން ކެއުމުން ދުރުހެލިވުމަށް ޑރ. މޯހަން އިރުޝާދު ދެއްވާފައިވެއެވެ.