Ooredoo
Dhiraagu

ހެޔޮ ކަމަށް އެދޭ މީހުން ޝަރުއީ އިލްމު އުނގެނުމަށް ވަގުތު ހުސްކުރުން މުހިންމު: ޚުތުބާ

މިސްކިތުގައި ބަޔަކު ނަމާދުކޮށް ކީރިތި ޤުރުއާން ކިޔަވަނީ: ހެޔޮ ކަމަށް އެދޭ މީހުން ޝަރުއީ އިލްމު އުނގެނުމަށް ވަގުތު ހުސްކުރުން މުހިންމު ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައި -- ސަން ފޮޓޯ/ މުހައްމަދު މާނިއު

ހެޔޮ ކަމަށް އެދޭ މީހުން ޝަރުއީ އިލްމު އުނގެނުމަށް ވަގުތު ހުސްކުރުން މުހިންމު ކަމަށާއި، އަހަރެމެންގެ އުމުރުން ކޮންމެ ދުވަހަކީ ވެސް އިލްމު އުނގެނުމަށް ވަގުތުކޮޅެއް ހޭދަކުރެވިދާނެ ދުވަހެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ADK GENERAl

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "އިލްމު އުނގެނުމުގެ މާތްކަން"، މި މައުޟޫއުގެ މައްޗަށެވެ.

ޚުތުބާ ފެށުމުގެ ގޮތުން އިލްމުވެރިންގެ މަތިވެރިކަން ބަޔާންކުރައްވައި ގެނެސްދީފައި ވަނީ މާތްﷲގެ ވަޙީ ބަސްފުޅެކެވެ.

"ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، އިލްމު ލިބިގެންވާ މީހުން މާތްﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. ﷲއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." އެ ވަޙީ ބަސްފުޅުގެ މާނައިގައިވެއެވެ.

ޚުތުބާގައި ބުނީ މާތްﷲއާއި އެކަލާނގެ މަލާއިކަތުންގެ ވާހަކަ ވަޙީކުރެއްވުމަށް ފަހު އެއާ ވިދިގެން ވަޙީކުރައްވައިފައި ވަނީ އިލްމުވެރީންގެ ވާހަކަ ކަމަށެވެ. އެކަމުން އިލްމުވެރީންގެ ޝަރަފާއި، މާތްކަމާއި، މަތިވެރިކަން ހާމަވާ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

"އިލްމުވެރީންނަކީ އެހެން މީހުންނާ އެއްފަދަ ބައެއް ނޫންކަން އަންގަވައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟" ޚުތުބާގައި ބުންޏެވެ.

މާތްﷲއަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަގުވާވެރިވާ މީހުންނަކީ، އިލްމު އުނގެނި އެ އިލްމާ އެއްގޮތަށް އަމަލުކުރާ މީހުންކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ނަބީބޭކަލުން މީސްތަކުންނަށް ވާރުތަކުރެއްވީ އިލްމު ކަމަށާއި ނަބީބޭކަލުންގެ ވާރިޘުންނަކީ އިލްމުވެރީން ކަމަށެވެ.

މިސްކިތުގައި ބަޔަކު ނަމާދުކޮށް ކީރިތި ޤުރުއާން ކިޔަވަނީ: ހެޔޮ ކަމަށް އެދޭ މީހުން ޝަރުއީ އިލްމު އުނގެނުމަށް ވަގުތު ހުސްކުރުން މުހިންމު ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައި -- ސަން ފޮޓޯ/ މުހައްމަދު މާނިއު

މާތްﷲ އިލްމުވެރީންނަށް ޚާއްސަކަމެއް ދެއްވައިފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެހެނީ އުނގެނުނު އިލްމާ އެއްގޮތަށް އަމަލުކުރާ އިލްމުވެރިޔާގެ ފަރާތުން މީސްތަކުންނަށް ކުރާ މަންފާ ބޮޑުވާނެ ކަމަށެވެ. އަދި އެއާ ޚިލާފަށް އަޅުވެރިޔާ ކުރާ އަޅުކަމުގެ ސަބަބުން މަންފާ ކުރާނީ ހަމައެކަނި އޭނާގެ އަމިއްލަ ނަފުސަށް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ އިލްމުގެ މަގާމު މަތިވެރި ކަމަށާއި، އިލްމު އުނގެނުމަށް، ކީރިތި ރަސޫލާ ވަރަށް ބޮޑަށް ބާރު އެޅުއްވެވި ކަމަށެވެ. އަދި ބަދުރު ހަނގުރާމައިގެ އަސީރުން މިނިވަންވުމަށް ފިދުޔައިގެ ބަދަލުގައި މުސްލިމް ދިހަ ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުން ޝަރުތު ކުރެއްވުމުން އެކަން ދޭހަވާ ކަމަށް ޚުތުބާގައި ބުންޏެވެ.

އަދި އަހަރެމެންގެ ތެރޭގައި އެ ހެޔޮ ކަމަށް އެދޭ މީހުން ޝަރުއީ އިލްމު އުނގެނުމަށް ވަގުތު ހުސްކުރުން މުހިންމު ކަމަށާއި، އަހަރެމެންގެ އުމުރުން ކޮންމެ ދުވަހަކީ ވެސް އިލްމު އުނގެނުމަށް ވަގުތުކޮޅެއް ހޭދަކުރެވިދާނެ ދުވަހެއް ކަމަށް ޚުތުބާގައި ބުންޏެވެ. އެހެނީ އިލްމު އުނގެނުމަކީ ތިމާއަށާއި އެހެން މީހުންނަށް ނުހަނު ފައިދާއާއި ލާބަހުރި ކަމަކަށްވާތީކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި އެއީ އިލްމުވެރިޔާ މަރުވުމަށް ފަހުގައި ވެސް، އޭނާ އުނގެނި، އެހެން މީހުންނަށް ފޯރުކޮށްދީފައިވާ އިލްމެއްގެ ފައިދާ ކުރާނެތީ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ނުދަނެ ހުރެ އަޅުކަންކުރާ މީހަކަށް، ބާތިލު ގޮތުގައި އަޅުކަމެއް ކުރުމަށް ޝައިޠާނާ ވިސްނައިދީފާނެ ކަމަށެވެ. އެކަމުގެ ސަބަބުން އޭނާ މަގުފުރެދި، އެހެންމީހުން ވެސް މަގުފުރައްދައިފާނެ ކަމަށް ބުންޏެވެ. އެހެނެއްކަމަކު އިލްމުވެރިޔާ މަގުފުރައްދާކަށް ޝައިޠާނާއަކަށް ފަސޭހައެއް ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި އޭނާ، އޭނާއަށް ލިބިފައިވާ އިލްމުގެ މަތީގައި ސާބިތުވެ ހުރެ، އަނެކުން ވެސް ހެޔޮ މަގަށް އަޅުވަން މަސައްކަތްކުރާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ދީނީ އިލްމު އުނގެނުން، ކޮންމެ މުސްލިމަކަށް ވެސް ވާޖިބު ކަމަށާއި، އިލްމު އުނގެނުމަށް، މާތްﷲގެ ރަސޫލާ އެހައި ބޮޑަށް ބާރުއަޅުއްވައިފައިވަނީ އެހެންވެ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އަދި އެ ކަމަށް އެދި ދުއާކުރުމަށް ވެސް ކީރިތި ޤުރްއާނުގައި އަންގަވައިފައިވެއެވެ.

Redstar
comment ކޮމެންޓް