ހުކުރު ދުވަހަކީ ދުވަހެއްގެ މައްޗަށް އިރުއެރި ހުރިހާ ދުވަސްތަކެއްގެ ތެރެއިން އެންމެ ހެޔޮވެގެންވާ ދުވަހެއެވެ. ސަމާވީ ކޮންމެ ދީނެއްގައި ވެސް ހަފްތާގެ އެއް ދުވަސް މުޤައްދަސްވެފައި އޮވެއެވެ. ހުކުރު ދުވަހަކީ ޤައުމެއްގެ މީހުން ضلالةގެ އަނދިރިކަމަށް ވެއްޓުނު ދުވަހެވެ. ޔަހޫދީން މި ދުވަސް ދޫކޮށް ހޮނިހިރު ދުވަސްހިފައި އެ މީހުންގެ މުޤައްދަސް ދުވަސް ކަމުގައި ހޮނިހިރު ދުވަސް ހެދިއެވެ. ނަޞާރާއިން ހިފީ އާދީއްތަ ދުވަހެއެވެ.
މުސްލިމުންގެ މުޤައްދަސް ދުވަހަކީ ބަރަކާތްތެރި ހުކުރު ދުވަހުގެ ގޮތުގައި ﷲ މި އުންމަތަށް ހިދާޔަތް ދެއްކެވިއެވެ.
ހުކުރު ދުވަހަކީ އިސްލާމީ އުންމަތަށް ނިޢުމަތުން ފުރިގެންވާ ދުވަހެކެވެ. އެއްބަޔަކު މި ނިޢުމަތުގެ ބަރަކާތް ލިބިގަންނައިރު، އަނެއްބަޔަކަށް އެ ކަމުގެ އަސަރެއް ވެސް ނުކުރެއެވެ. ދުވަހުގެ މާތްކަން ނޭނގި ޣާފިލުކަމުގައި ތިބެނީއެވެ.
ހުކުރު ދުވަހަކީ މުސްލިމުންގެ ޢީދު ދުވަހެވެ. އެއީ ކޮންމެ ހަފުތާއެއްގައި އަންނަ ޢީދެކެވެ. އެ ދުވަހު މުސްލިމުން ޒީނަތްތެރިވެއެވެ. ހިނާ ޠާހިރުވެއެވެ. އާދައެއްގެ ގޮތުން ބޯކޮށުމާއި ނިޔަފަތި ކެނޑުން ވެސް އޮންނަނީ އެ ދުވަހުއެވެ. ހުކުރު ދުވަހު އެއްބަޔަކު އަނެއްބަޔަކަށް ޒިޔާރަތްކޮށް ހާލުބަލައި އުޅެއެވެ. އަދި ގާތްތިމާގެ ކަމުގެ ގުޅުން ވެސް ބަދަހިކުރާ ދުވަހެއްގެ ގޮތުގައި މުސްލިމުން ހުކުރު ދުވަސް ބަލައިގަނެއެވެ.
ހުކުރު ދުވަހުގެ މާތްކަން ފެށެނީ އެ ދުވަހުގެ ފަތިސްނަމާދުންނެވެ. ޢުމަރުގެފާނުންގެ ދަރިކަލުން ޢަބްދުاللهގެ ކިބައިން ރިވާވެގެން ވާ ޙަދީޘްފުޅެއްގައި ވެއެވެ.
«إنَّ أفضلَ الصَّلواتِ عندَ اللَّهِ: صلاةُ الصُّبحِ يومَ الجمعةِ في جَماعةٍ» (البيهقي) މާނައީ: "ހަމަކަށަވަރުން، ﷲ ޙަޟްރަތުގައި މަތިވެރިކަން އެންމެ ބޮޑު ނަމާދަކީ ޖަމާޢަތުގައި ކުރާ ހުކުރު ދުވަހުގެ ފަތިސް ނަމާދެވެ." އޭގެ މާނައަކީ ފަރުޟު ފަސްނަމާދުގެ ތެރެއިން ދަރުމައާއި އަޖުރު އެންމެ ގިނަވާނީ ޖަމާޢަތުގައި ކުރާ ހުކުރު ދުވަހުގެ ފަތިސް ނަމާދުގައެވެ.
މި ދުވަހުގެ އެންމެ މުޙިއްމު ކަމަކީ ހުކުރު ނަމާދެވެ. ރަށުގައި ޤާއިމުވެ ހުންނަ މީހާއަށް އެ ދުވަހުގެ މެންދުރުނަމާދުގެ ބަދަލުގައި އޮތީ ހުކުރު ނަމާދު ކުރުމެވެ. ހުކުރު ނަމާދަކީ 2 ޚުޠުބާއާއި ދެ ރަކުޢަތުގެ މައްޗަށް އެކުލެވޭ ނަމާދެކެވެ. ހުކުރު ދުވަހުގެ ޚުޠުބާ އަޑުއަހަންވާނެއެވެ. ޙުތުބާ ކިޔަން އިމާމު މިންބަރަށް އެރުއްވުމުގެ ފަހުން މިސްކިތައް ދާ މީހުން ނަމާދުގެ ހާޒިރީގައި ނުހިމެނި ދާނެކަމުގެ ބިރު އޮވެއެވެ.
عن أبي هريرة رضي الله عنه، أن رسول اللَّه صلى الله عليه وسلم قال: «مَنِ اغْتَسَلَ يَوْمَ الْجُمُعَةِ غُسْلَ الجْنَاَبَةِ، ثُم رَاحَ في السَّاعَةِ الأُولى، فَكَأَنَّمَا قَرَّبَ بَدَنَةً وَمَنْ رَاحَ فِي السَّاعَةِ الثَّانِيَةِ، فَكَأَنَّمَا قَرَّبَ بَقَرَةً، وَمَنْ رَاحَ فِي السَّاعَةِ الثَّالِثَةِ، فَكَأَنَّمَا قَرَّبَ كَبْشًا أَقْرَنَ، وَمَنْ رَاحَ فِي السَّاعَةِ الرَّابِعَةِ، فَكَأَنَّمَا قَرَّبَ دَجَاجَةً، وَمَنْ رَاحَ فِي السَّاعَةِ الْخَامِسَةِ، فَكَأَنَّمَا قَرَّبَ بَيْضَةً، فَإِذَا خَرَجَ الإِمَامُ حَضَرَتِ الْمَلائِكَةُ يَسْتَمِعُونَ الذِّكْرَ» (البخاري و مسلم) މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلمޙަދީޘްކުރެއްވިއެވެ.
"ޖުނުބުގެ ހަދަސުން އެރެގަންނަ ފަދައިން ހުކުރު ދުވަހު ހިނައިގަނެ. ފުރަތަމަ ސާޢަތުގައި ހުކުރަށް ގޮސްފިނަމަ އެ މީހަކު ޖަމަލެއް ޤުރުބާންކުރި ފަދައެވެ. އަދި ދެވަނަ ސާޢަތުގައި ހުކުރަށް ގޮސްފިނަމަ އެ މީހަކު ގެރިޔެއް ޤުރުބާންކުރި ފަދައެވެ. އަދި ތިންވަނަ ސާޢަތުގައި ހުކުރަށް ގޮސްފިނަމަ ދަޅު ފެޅި ކަންބަޅިއެއް ޤުރުބާންކުރި ފަދައެވެ. އަދި ހަތަރުވަނަ ސާޢަތުގައި ހުކުރަށް ގޮސްފިނަމަ ކުކުޅެއް ޤުރުބާންކުރި ފަދައެވެ. އަދި ފަސްވަނަ ސާޢަތުގައި ހުކުރަށް ގޮސްފިނަމަ ބިހެއް ޤުރުބާނަށް ހުށައެޅި ފަދައެވެ. ފަހެ އިމާމު މީހާ މިންބަރަށް އަރާވަޑައިގަތުމުން (ހާޒިރީންގެ ނަން ލިޔުއްވަން) މަލާއިކަތުން ގެންގުޅުއްވާ ފަތްތައް ލައްޕަވައިލައްވައި ޚުތުބާ އަޑުއެއްސެވުމަށް ތިއްބަވާނެތެވެ."
މިސްކިތަށް ވަންނަ ގޮތަށް އިށީނުމަކީ ވެސް މަނާ ކަމެކެވެ. މިސްކިތު ސުންނަތް ކަމުގައިވާ 2 ރަކުޢަތް ކޮށްފައި މެނުވީ ނުއިށިން ނާށެވެ. އަދި މިސްކިތުގެ ސަފުތައް ހުރަސްކޮށް ކުރިޔަށް ދިއުމުގައި މީސްތަކުންގެ ކޮނޑުތައް މަތިން ހުރަސް ކުރުމަކީ ނަހީ ކުރައްވައިފައިވާ ކަމެކެވެ. މިސްކިތަށް ކުރިން އަންނަ މީހުން މިސްކިތުގެ ފަހަތުގައި ނުތިބެ ކުރިޔަށް ދިޔުމަށް އާދަ ކުރާ ނަމަ މި މައްސަލަ ދިމާނުވާނެއެވެ.
ހުކުރު ނަމާދަށް ބަންގި ގޮވުމުން ވިޔަފާރި ކުރުމަކީ ޙަރާމް ކަމެއް ކަމުގައި ﷲ ވަޙީކުރެއްވިއެވެ. އަންގަވަނީ ﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ﴾ (الجمعة: ٩) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ!"
އަޅުގަނޑުމެން ރާއްޖޭގައި ހުކުރު ވަގުތަކީ ވިޔަފާރި ބަންދު ވަގުތެކެވެ. ނަމަސް މި ފަހަކަށް އައިސް އޮންލައިން އެކިއެކި މަންސަ ތަކުން ވިޔަފާރި ކުރުމުގައި އެކިކަހަލަ ނީލަން (ބިޑު) ތަކުގައި ބައިވެރިވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދޭތަނެއް ނުފެނެއެވެ. ނީލަން ހަމަވާ ގަޑި ހުކުރު ވަގުތާ ދިމާ ވިޔަސް ވިޔަފާރީގެ މުޢާމަލާތު ކުރާ ތަން އެބަ ފެނެއެވެ. މިއީ ނުރައްކާތެރި މައްސަލައެކެވެ. ﷲގެ އަމުރަކާ ދިމާ އިދިކޮޅު ޢަމަލެކެވެ. އެހެންކަމުން މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް، ކިޔުންތެރިންނަށް ނަސޭހަތްތެރިވަމެވެ. ޚާއްޞާގޮތެއްގައި ހުކުރަށް ނުގޮސް ގޭގައި ތިއްބޭ އަންހެނުން ވެސް އެއްވެސް ޒާތެއްގެ ވިޔަފާރިއެއް ހުކުރުނަމާދުގެ ވަގުތުގައި ކޮށްގެން ނުވާނެއެވެ. އެއީ ވިޔަފާރިކުރުން ޙަރާމް ގަޑިއެކެވެ.
ހުކުރު ދުވަހަކީ ނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަ ކުރަންވީ ދުވަހެވެ. އަންނަވި ޞަލަވާތް ދަސްކޮށް އެ ސަލަވާތް ކިޔަވަން އާދަކުރާށެވެ. اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آل مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد.
ހުކުރު ދުވަހުގެ މާތްކަން ލިބިގަންނަ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ! އެ ދުވަހާ މެދު ޣާފުލުވާ ބަޔަކު ކަމުގައި އަޅަމެން ނުލައްވާނދޭވެ! آمين.