ރާއްޖޭގެ އަމާޒަށް ވާސިލުވާން ލިވަޕޫލްއިން އެހީތެރިވެދޭނަން: އިއަން

ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ އިއަން ޖޭމްސް ރަޝް: ރާއްޖެ-ލިވަޕޫލް ޕާޓްނާޝިޕަކީ ހަމައެކަނި ފަތުރުވެރިކަން ކުރިއެރުވުމެއް ނޫންކަމަށް އިޔަން ވަނީ ބުނެފައި -- އިންސްޓަގްރާމް ފޮޓޯ: އިއަން

އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓަބޯޅަ ކްލަބާއެކު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ލޯންޗުކުރި ކެމްޕެއިނަކީ ހަމައެކަނި ފަތުރުވެރިކަން ކުރިއަރުވާ ކެމްޕެއިނެއް ނޫން ކަމަށާއި، އެއީ އެއަށްވުރެ ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ ހިމާޔަތްކުރުމުގެ ގޮތުން ދެބައި މީހުން ގުޅިގެން މަސައްކަތްކުރުން ކަމަށް ލިވަޕޫލްގެ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ އިއަން ޖޭމްސް ރަޝް ބުނެފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ލިވަޕޫލް ފުޓްބޯޅަ ކްލަބުން އެ ކެމްޕެއިން ލޯންޗުކުރީ މިދިޔަ ބުދަ ދުވަހުގެ ރެއެވެ. އެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

ފުޓްބޯޅަ ލެޖެންޑު އިއަން ވަނީ ރައީސް މުއިއްޒާ ބައްދަލުކޮށް، އެމަނިކުފާނާއެކު ނަގާފައިވާ ފޮޓޮއެއް ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ.

އެ ފޮޓޮއާއެކު ކުރި ޕޯސްޓުގައި އިއަން ބުނީ ރާއްޖޭގެ ރައީސް ލިވަޕޫލްގެ ސްޓޭޑިއަމް، އެންފީލްޑަށް ވަޑައިގަތުމާއެކު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ލިބުނު ފުރުސަތަކީ ހަގީގީ އުފަލެއް ކަމަށެވެ. އަދި ލިވަޕޫލް އެފްސީއާއި ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ބައިނަލްއަގުވާމީ ޕާޓްނާޝިޕެއް ގާއިމުކުރުމަކީ ވެސް ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ބުންޏެވެ.

View this post on Instagram

A post shared by Ian Rush MBE (@ian_rush9)

މިދިޔަ ސީޒަނުގައި 200 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުންނާއި ގާތްގަނޑަކަށް 12 ބިލިއަން ވިއުސް ލިބިފައިވާ ލިވަޕޫލް އެފްސީން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނާއެކު ގާތް ގުޅުމެއް ބާއްވަމުން ކަމަށް އޭނާ އެ ޕޯސްޓުގައި ބުންޏެވެ.

އިއަން ބުނި ގޮތުގައި މި ޕާޓްނާޝިޕަކީ ހަމައެކަނި ފަތުރުވެރިކަމާ ގުޅޭ ޕާޓްނާޝިޕެއް ނޫނެވެ. އެއީ ދެބައި މީހުންގެ ވެސް ހިއްސާކުރާ ގޮތެއްގެ މަތިން ވަކިން ޚާއްސަކޮށް ދެމެހެއްޓެނިވި ގޮތެއްގައި މި ދުނިޔެ ހިމާޔަތްކުރުމުގެ މައްޗަށް މަސައްކަތްކުރާނެ ޕާޓްނާޝިޕެއް ކަމަށް އިއަން ބުންޏެވެ.

އެގޮތުން ފަތުރުވެރިކަމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދިނުމުގެ އިތުރުން ކަނޑު ހިމާޔަތްކުރުމަށާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، މޫސުމަށް އަންނަ އެ ނޫން ވެސް ބަދަލުތަކުގެ ނުރައްކާ ޖަޒީރާ ގައުމުތަކަށް ކުރާނެ ގޮތުގެ މައްޗަށް ވެސް އެ ޕާޓްނާޝިޕްގެ ބޭނުން މުހިންމުކަމަށް އިއަން ބުންޏެވެ.

އަދި އެ ޕާޓްނާޝިޕް މެދުވެރިކޮށް ލިވަޕޫލްއިން ވިޒިޓް މޯލްޑިވްސްއާއި ގުޅިގެން މި މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް އެ ކުލަބުގެ އެވޯޑް ހާސިލްކޮށްފައިވާ ސަސްޓެއިނަބިލިޓީ ޕްރޮގްރާމެއް ކަމަށްވާ "ދަ ރެޑްވޭ"ގެ ބޭނުން ހިފައި، ހޭލުންތެރިކަން އިތުރުކުރުމަށާއި، ހެޔޮ ފިޔަވަޅުތައް އެޅުމަށް ވެސް މަސައްކަތްކުރާނެ ކަމަށް އިއަން ބުންޏެވެ.

މިހާރު އުމުރުން 64 އަަހަރުގެ އިއަންއަކީ ކުރީގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެކެވެ. އޭނާ ފާހަގަކުރެވެނީ ކުޅިވަރުގެ ތާރީޚުގައި ވެސް ވޭލްސްގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައެވެ.

ކުލަބް ލެވެލްގައި އިއަން ވަނީ ގިނަ އަހަރުތަކެއްގައި ލިވަޕޫލަށް ކުޅެފައެވެ. އޭނާ އަކީ އެ ކުލަބުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އަދި އޭނާއަކީ އެ ކުލަބުގެ ހުރިހާ މުބާރާތެއްގައި ޖުމްލަ 346 ލަނޑު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ.

https://sun.mv/204337

ދުނިޔޭގެ އެކި ހިސާބުތަކުން ލިވަޕޫލްއަށް ސަޕޯޓުކުރާ މީހުންގެ އަދަދު 500 މިލިއަނަށް އަރައެވެ. މި ކެމްޕޭނުގެ މަގުސަދަކީ ލިވަޕޫލްގެ މަގްބޫލުކަމުގެ ބޭނުންހިފައި، ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއެޅުމެވެ. ލިވަޕޫލުގެ ދަނޑުގެ ވަށައިގެން ޖަހާފައިވާ ލެޑް ބޯޑްތަކުން ރާއްޖެ އިސްތިހާރު ކުރަން މިހާރު ވަނީ ފަށައިފައެވެ.

އެގޮތުން ލިވަޕޫލް އެފްސީއާއެކު ކުރިޔަށް ގެންދާ 2.5 މިލިއަން ޑޮލަރުގެ މި ޕާޓްނާޝިޕްގެ ސަބަބުން މި އަހަރު އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭކަމަށާއި ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވޭކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

comment ކޮމެންޓް