މިހާތަނަށް މި ފަހުގެ ތާރީހެއްގައި އެޅުވި އެންމެ މަގުބޫލު ބިރުވެރި ފިލްމު ފްރެންޗައިޒް "ދަ ކޮންޖަރިން"ގެ ހަތަރު ވަނަ ބަޔަކީ ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު ކަމުގައި ޕްރޮޑަކްޝަނުން ކަށަވަރު ކޮށްދީފިއެވެ.
އެމެރިކާގެ ސުޕަނެޗުރަލް އެކްސްޕާޓުން ކަމަށްވާ އެޑް އަދި ލޮރޭން ވޯރެން ދެމަފިރިންގެ ވާހަކަތަކަށް ބިނާކޮށް ތައްޔާރުކުރާ ކޮންޖަރިން ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 2013 ވަނަ އަހަރުގައެވެ. ކޮންޖަރިންގެ ފުރަތަމަ ފިލްމުން ފެށިގެން އޭގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރުގެ ރޯލު އަދާކުރަމުން އަންނަނީ ބިރުވެރި ފިލްމުތައް އުފެއްދުމަށް މަގުބޫލު ޑައިރެކްޓަރު ޖޭމްސް ވާންއެވެ.
މިހާތަނަށް މި ފްރެންޗައިޒްގެ ތިން ފިލްމެއް ނެރެފައިވާއިރު އެންމެ ފަހުން ފިލްމެއް ނެރުނީ 2021 ވަނަ އަހަރުގައެވެ. އެ އަހަރު ނެރުނު ފިލްމަށް ކިޔަނީ "ދަ ޑެވިލް މޭޑް މީ ޑޫ އިޓް" އެވެ. މިއީ އެމެރިކާގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ހާދިސާއަކަށް ބިނާކޮށް ތައްޔާރު ކުރި ފިލްމެކެވެ. މި ފިލްމުގެ ހާދިސާތަކަކީ އެމެރިކާގައި ފުރަތަމަ ފަހަރަށް ރޫހާނީ ބާރުތަކާ ގުޅޭ މައްސަލައަކާ ގުޅިގެން ކޯޓެއްގައި އެކަމަށް އާ އިއްވުމެއް ކަނޑައެޅުމާ ގުޅިގެން އެކަމަށް ބިނާކޮށް ތައްޔާރުކުރި ފިލްމެކެވެ.
ދެން ކުރިއަށް އޮތީ ކޮންޖަރިންގެ ހަތަރު ވަނަ ބައެވެ. މީގެ ކުރީންވެސް ފިލްމުގެ ހަތަރުވަނަ ބައެއް ނެރޭނެކަން ވަނީ އާންމުކޮށްފައެވެ. ނަމަވެސް ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ.
އެންމެފަހުން ޕްރޮޑަކްޝަން ވޯނަ ބްރޮސް އިން ހާމަކޮށްފައިވާ ގޮތުގައި އަލަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމު އަލިއަޅުވާލާނީ އެޑް އާއި ލޮރެއިންގެ އެންމެ ފަހުގެ ކޭސް އަށެވެ. އެއާއެކު ފިލްމު ފްރެންޗައިޒް ވެސް އެހާ ހިސާބުން ނިމިގެންދާނެ ކަމަށް ވަނީ ޕްރޮޑަކްޝަނުން ހާމަކޮށްފައެވެ.
ޕެޓްރިކް ވިލްސަން އާއި ވެރާ ފާމިގާ ލީޑުން ފެނިގެންދާ މި ފިލްމު މިއަހަރު ސެޕްޓެމްބަރު ފަހެއްގައި ޕްރިމިއާ ކުރާނެއެވެ. "ކޮންޖަރިން : ލާސްޓް ރައިޓްސް" އާ އެކު އޮރިޖިނަލް ފްރެންޗައިޒް ނިމުނު ނަމަވެސް ފްރެންޗައިޒްގެ އެކި ސްޕިންއޮފް ކެރެކްޓަރުތަކާއި ފިލްމުތައް އާންމުންނަށް ފެނިގެންދާނެއެވެ.