ހިންދީ ސިނަމާގެ ތާރީޚުގައި އެންމެ މަގުބޫލު އެއް އެކްޓަރު ކަމަށްވާ މަނޯޖު ކުމާރު މިއަދު މަރުވެއްޖެއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޢުމުރުން 87 އަހަރުގެ އެކްޓަރު މަރުވީ ރޭ ފަތިހު މުމްބާއީގެ ކޮކީލާބެން ދިރުބާއީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް 4:03ހާއިރުއެވެ.
މުމްބާއީގެ ޖުހޫގައި ހުންނަ މަނޯޖުގެ ގޭގައި އެކްޓަރުގެ ޖަނާޒާގެ ކަންކަން ކުރިއަށްދާއިރު ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު އަންނަނީ މަނޯޖު ދެކިލުމަށް އެ ގެއަށް ޒިޔާރަތް ކުރަމުންނެވެ.
ހިންދީ ސިނަމާގެ އެންމެ ޝަރަފުވެރި އެވޯޑުތައް ކަމަށްވާ ޕަދުމާ ޝްރީ އަދި ދާދާސަހެބް ޕަލްކޭ އެވޯޑު ލިބިފައިވާ މަނޯޖު މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހި ފަރުވާކުރަމުން ދަނިކޮށް ކާޑިއެޖޮނިކް ޝޮކެއް ލިބިގެން ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.
މަނޯޖު ކުމާރު އަންހެނުން ޝަޝީ ގޮސްވާމީ އަދި ދަރިފުޅު ކުނާލް ގޮސްވާމީއާ އެކު--ފޮޓޯ/އިކޮނޮމިކްޓައިމްސް
މީޑިއާތަކުން ބުނެފައިވާ ގޮތުން މަނޯޖު ވަނީ މީގެކުރިން ފުރަމޭގެ ބައްޔެއް ކަމަށްވާ 'ޑީކޮމްޕެންސޭޓެޑް ލިވަ ސިރޮސިސް'އަށް ވެސް ފަރުވާ ހޯދާފައެވެ. މި ބައްޔަށް އާއްމުކޮށް މީހުން ހުށަހެޅެނީ ބަނގުރާ މާގިނައިން ބޭނުންކުރުމުގެ ސަބަބުންނެވެ.
އިންޑިއާގެ ގިނަ ބަޔަކު "ބާރަތު ކުމާރު"ގެ ނަމުން މުޚާތާބުކުރާ މަނޯޖްގެ ބަލިހާލަތު މާބޮޑަށް ގޯސްވުމުގެ ސަބަބުން މި އަހަރުގެ ފެބްރުއަރީ މަހުތެރޭ ވެސް ވަނީ ހޮސްޕިޓަލުގައި އެޑުމިޓުކޮށް ފަރުވާދީފައެވެ.
މަނޯޖު ކުމާރު ހިންދީ ސިނަމާގެ ލެޖެންޑުން ކަމަށްވާ ރަޖެންދުރަ ކުމާރުއަދި ދިލިޕް ކުމާރުއާ އެކު--ފޮޓޯ/ޕިންޓްރެސްޓް
މަނޯޖު ކުމާރު ފިލްމީ ދާއިރާއަށް ތައާރަފްވެފައި ވަނީ "ފެޝަން"ގެ ނަމުގައި އުފެއްދި ފިލްމަކުން 1957ވަނަ އަހަރުއެވެ. އޭނާގެ ކެރިއަރުގެ މަޝްހޫރު ފިލްމުތަކުގެތެރޭ 1962ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހަރިޔާލީ އޯރު ރާސްތާ"، 1964ވަނަ އަހަރު ރިލީޒްކުރި ފިލްމު "ވޯ ކޯން ތީ" އަދި އިންޑިއާގެ ޤައުމީ ބަތަލެއް ކަމަށްވާ ޝަހީދު ބަޤަތު ސިންގްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު "ޝަހީދު" ހިމެނެއެވެ.
އެކްޓު ކުރުމުގެ އިތުރުން މަނޯޖު ވަނީ ފިލްމު ޑައިރެކްޓްކޮށް ބައެއް ފިލްމުތަކުގެ ސްކްރީންޕްލޭ ތައްޔާރުކޮށް ފިލމުތަށް އެޑިޓްވެސް ކޮށްފައެވެ.
ފިލްމީ ދާއިރާއިން ރިޓަޔަވުމަށްފަހު މަނޯޖު ކުމާރު ފަހުން ފެނިފައި ވަނީ އިންޑިއާގެ ސިޔާސީ ދާއިރާއިންނެވެ. ފިލްމުފެއާ އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ވެސް ހާސިލުކޮށްފައިވާ އެކްޓަރު މަރުވިއިރު އަންބަކާއި ދެ ފިރިހެން ކުދިން އެބަތިއްބެވެ.