ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކޮށް, ހައްޔަރު ކުރި މުހައްމަދު ޝަމްއާން, ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ. ޝަމްއާންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެއަށް ފަހު އޭނާގެ ބަންދަށް ވަނީ ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފައެވެ. އެ އަމުރު ހައިކޯޓުގައި ޝަމްއާންގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ޝަމްއާންގެ ބަންދުގެ މުއްދަތު އިތުރު ކުރަން މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން އެންމެ ފަހުން ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި، ބިދޭސީއެއްގެ އަތުން ފައިސާ ހޯދީ ސައްހަ ލިޔެކިޔުން އޮތް ބިދޭސީންތަކެއް ހައްޔަރުކުރުމަށް ފަހު ކަމަށެވެ.
ފުލުހުންގެ ބަޔާނުގައިވާ ގޮތުން، އެ އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަތަމަ ދިޔައި އިމިގްރޭޝަންގެ އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ ވަޒީފާގެ މަސްއޫލިއްޔަތު ނެތް ތިން މުވައްޒަފުންނެވެ. އެ އޮޕަރޭޝަނުގައި ހަތް ބިދޭސީ މަސައްކަތްތެރިން ހުއްޓުވައި، ވަޒީފާގެ އެ މަސްއޫލިއްޔަތު ނެތް އިމިގްރޭޝަންގެ ތިން މުވައްޒަފުން، އެ ގެ ބަލައި ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ފަހުން އެރޭ އެފަދަ އޮޕަރޭޝަންތަކަށް ޚާއްސަކޮށްފައިވާ އިމގްރޭޝަންގެ ޓީމެއް ގެނެސް، އަލުން ސީން ޕްރޮސެސްކޮށް، ހައްޔަރުކުރި ބިދޭސީންގެ ތަކެތި ސީލްކޮށް، އެ މީހުން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތް ބިދޭސީ މަސައްކަތްތެރިންނަކީ ލިޔެކިޔުންތައް ގަވައިދާ އެއްގޮތަށް ހުރި ބިދޭސީންކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އެ މީހާގެ އަތުން ފެނުނު މީހަކު، މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު މ. ސްޓާ ކްލައުޑުގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް ގެންދިޔަ ކަމަށެވެ.
އޭގެ އިތުރުން، ދޫކޮށްލި ބިދޭސީ މީހާއާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި މީހަކީ ދިވެއްސެއް ކަމަށާއި އެއީ އެ މައްްސަލައާ ގުޅިގެން ހައްޔަރުކުރި އިމިގްރޭޝަން މުވައްޒަފެއްގެ އާއިލާގެ މެންބަރެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބިދޭސީ މީހާ ހައްޔަރުކުރިއިރު، އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ، އޭނާ ދޫކޮށްލިއިރު ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކުރިކަން ވެސް ތަހުގީގަށް އެނގުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބިދޭސީ މީހާ ދޫކޮށްލުމުގެ މަސައްކަތްތައް ކުރަމުންދިޔައިރު، ވަޒީފާގެ މަސްއޫލިއްޔަތު ނެތޮ ބަލައި ފާސްކުރުން ކުރިއަށް ގެންދިޔަ އިމިގްރޭޝަން މުވައްޒަފުން މ. ސްޓާ ކްލައުޑް ސަރަހައްދުގައި ތިބި ކަމަށެވެ. އަދި ބިދޭސީ މީހާ ދޫކޮށްލުމަށް އޭނާ ފުރަތަމަ ދިޔައީ އޭނާއާ ސްޕޮންސަރުގެ ގޮތުން ހަވާލުވި މީހާއާއެކު ސައިކަލެއްގައި ކަމަށާއި ނަމަވެސް ޝަހީދު އަލީ ހިނގުމުން، އިމިގްރޭޝަން މުވައްޒަފަކާއެކު އޭނާ އިމިގްރޭޝަންގެ ވެހިކަލަކަށް އެރި ކަމަށް ފުލުހުން ބުންޏެވެ. އެ މުވައްޒަފު މިހާރު ހައްޔަރުކޮށްފައިވާކަން ފުލުހުން ފާހަގަކުރިއެވެ.
"މި ވެހިކަލް މާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވާފައިވާކަން ފާހަގަކުރެވޭއިރު، ތަހުގީގުން ގަބޫލުކުރާ ގޮތުގައި 'ވަކި ކަންތައްތަކެއް ނިންމުމަށްފަހު' ބިދޭސީ މީހާ އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގެންގޮސްފައިވެއެވެ." ބަޔާނުގައިވެއެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އިމިގްރޭޝަން މުވައްޒަފަކު މ. ސްޓާ ކްލައުޑް ކައިރިން ކާރުން ފޭބުމަށްފަހު، ފުލުހުން ހައްޔަރުކޮށްފައިވާ އިތުރު އިމިގްރޭޝަން މުވައްޒަފަކު ވެލާނާ ބިލްޑިންގް ކައިރިން ވެހިކަލުން ފައިބައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ކުޑައިރުކޮޅެއްފަހުން މ. ސްޓާ ކްލައުޑް ކައިރިއަށް ފޭބި އިމިގްރޭޝަން މުވައްޒަފު ސައިކަލެއްގައި ވެލާނާ ބިލްޑިންގް ކައިރިއަށް ގޮސް، އިމިގްރޭޝަންގެ ވެހިކަލުން ފައިސާ އެޅި ކޮތަޅު ނަގައި، ޝަމްއާންގެ ގެއަށް ދިޔަ ކަމަށް ފުލުހުން ހާމަކުރިއެވެ.
"ސީސީޓީވީ ފުޓެޖުން ފެންނަ ގޮތުގައި ގެއަށް ވަންނައިރު ކޮތަޅުގައި ގިނަ އަދަދެއްގެ ފައިސާ ހުރިއިރު، ނުކުންނައިރު ކޮތަޅު މުށުތެރޭގައި ބޮނޑިކޮށްލާފައި އޮންނަކަން ފާހަގަކުރެވެއެވެ." ބަޔާނުގައިވެއެވެ.
އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ސީސީޓީވީ ފުޓެޖު އެއްކޮށް، ގިނަ ބަޔަކާ ސުވާލުކޮށް، މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާން ނަގައިފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ޝަމްއާންގެ ގެ ބަލައި ފާސްކުރިއިރު 257،475 ރުފިޔާއާޢި 10،000 ޑޮލަރާއި އެހެނިގެން ބައެއް ގައުމުތަކުގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހޯދައި، ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި އެ މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގައި ދެން ހައްޔަރު ކުރި މީހުންނަކީ:
- މުޙައްމަދު އަލްސަން އިސްމާއިލް، 21 އަހަރު، މޫނިމާގެ، ތ. ބުރުނި
- އިބްރާހިމް އަޙްމަދު، 37 އަހަރު، ގ. ހެޕީސައިޑް
- ހަސަން ސަހެޝާން، 47 އަހަރު، ގ. ހެޕީސައިޑް
- އަހްމަދު ލައްސާނު، 40 އަހަރު، މ. ހަޒާރީވިލާ
ބިދޭސީންގެ މައްސަލައިގައި އިމިގްރޭޝަންގެ ވެރިންނަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭތާ އެތައް ޒަމާނެއް ވެއްޖެއެވެ. ނަމަވެސް މިއީ މިގޮތަށް އެތަނުގެ ވެރިއެއްގެ މައްސަލަ ބެލޭ ފުރަތަމަ ފަހަރެވެ.