ކަނޑުފޭރުމުގެ އަމަލުތައް ހިންގައިގެން އެމެރިކާއިން ކިޔުބާއަށް ދަތިކުރަނީ

ކިއުބާގައި ތެޔޮ އަޅައިދޭ ސްޓޭޝަނެއްގެ ކައިރީގައި ކާރުތައް ކިޔޫ ހަދައިގެން

މޮސްކޯ (10 ފެބްރުއަރީ 2026): އެއްވެސް ހައްގަކާ ނުލައި އެމެރިކާއިން ކިޔުބާގެ ރައްޔިތުންގެ ދިރިއުޅުމަށް ދަތިކޮށް އެ މީހުންގެ ދިރިއުޅުމުގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށާއި މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ރަޝިއާއިން ބުނެފިއެވެ.

ކިޔުބާއިން ގަންނަ ތެލުގެ ޝިޕްމަންޓްތަކަށް ހުރަސް އަޅައި ކިޔުބާ ތެލަށް ޖެއްސުމަށްޓަކައި އެމެރިކާ ކިޔުބާ ވަށައިގެން ކަނޑުގެ މަގުން ކިޔުބާ ހިސާރުކުރަމުންދާތީ ކިއުބާއަށް ތެޔޮ ލިބުން އިންތިހާއަށް ދަތިވެ، ގިނަ ދަތިތަކަކާ ރައްޔިތުން ވަނީ ކުރިމަތިލާން ޖެހިފައެވެ.

މި ކަމާ ގުޅިގެން ރަޝިޔާގެ ރިޔާސީ ތަރުޖަމާނު ޑިމީޓްރީ ޕެސްކޯވް ވިދާޅުވީ، އެމެރިކާގެ ބޭނުމަކީ ކިއުބާގެ އިގުތިސާދު ފުނޑާލައި ރައްޔިތުން ނިކަމެތިކޮށް އެ މީހުންނަށް ދުއްތުރާކުރުން ކަމަށްވާނަ އެކަން ހުއްޓާލަންޖެހޭ ކަމުގައެވެ. އެމެރިކާގެ މިފަދަ އަމަލުތަކަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުބާއަށް ތެޔޮ ފޯރުކޮށްދޭ މައިގަނޑު ދެ ގައުމަކީ ވެނެޒުއެލާއާއި މެކްސިކޯއެވެ. މީގެ ތެރެއިން ވެނެޒުއެލާއަށް ކުއްލި ހަމަލާތަކެއްދީ އެމެރިކާއިން ވަނީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނަގާފައެވެ. އެއަށް ފަހު، އެމެރިކާ ގެންދަނީ ވެނެޒުއެލާގެ ތެލަށް އަތްގަދަކުރަން މަސައްކަތް ކުރަމުންނެވެ. އިއްޔެ ވެސް އެމެރިކާއިން ވަނީ ކިޔުބާއަށް ފޮނުވި ވެނެޒުއެލާގެ ތެލުގެ ޝިޕްމެންޓެއް ކަނޑުފޭރިގެންފައެވެ.

އެމެރިކާއިންވަނީ ކިޔުބާއަށް ތެޔޮ ފޯރުކޮށް ނުދިނުމަށް މެކްސިކޯއަށް އިންޒާރު ދީފައެވެ. ނަމަވެސް, މި އިންޒާރަށް ބޯނުލަނބައި މެކްސިކޯއިން ކިޔުބާއަށް ތެޔޮފޯރުކޮށްދޭތީ އެމެރިކާއިންވަނީ ކެރީބިޔަން ކަނޑު ހުރަސްކޮށް ކިޔުބާއަށް ދަތުރުކުރާ މެކްސިކޯގެ ތެޔޮ ޓޭންކަރުތަކަށް ހުރަސްއަޅައި އެ ޓޭންކަރުތައް ކަނޑުފޭރެން ފަށާފައެވެ.

އެމެރިކާގެ މި ނާތަހުޒީބު އަމަލުތަކާ ގުޅިގެން ކިޔުބާވަނީ އދ. އަށް ޝަކުވާ ހުށަހަޅާފައެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވާ ގޮތުގައި އދ. އަކީ އަދި ބައިނަލްއަގުވާމީ ގާނޫނަކީ އޭނާގެ ދަންނަ އެއްޗެއް ނޫނެވެ. އޭނާގެ ކުރިމަތީގައި އޮންނާނީ އޭނާއަށް ފެންނަ ގޮތެކެވެ. ނޫނީ އޭނާގެ އަމިއްލަ އަޚުލާގުން ކުރަން ފެންނަ ކަމެއް ކުރުމެވެ. އަދި، ކުރަން ނުފެންނަ ކަމެއް ނުކުރުމެވެ.

މިއާއެކު އެމެރިކާއަކީ ގާނޫނުން ބޭރުގައި އުޅޭ ނުކިޔަމަންތެރި ރޯގް ސްޓޭޓެއް ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. ޓްރަމްޕްގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ސްޓީވެން މިލާ ވިދާޅުވި ގޮތުގައި ދުނިޔެ މިހާރުވަނީ ގާނޫނުގެ ބަދަލުގައި ބާރުން ކަންކަން ކުރާ ހާލަތަކަށް ބަދަލުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއިން މިހާރު ގެންގުޅެނީ ބާރުގެ ބޭނުންކޮށްގެން ކަންކަން ކުރުމުގެ އުސޫލެވެ.

އެމެރިކާގެ ނޫސްވެރިއެއް ކަމަށްވާ މާކްސް ޕޮޓް ވޮޝިންޓަން ޕޯސްޓްގައި ލިޔުއްވާފައިވާ އާޓިކަލެއްގައި ވާގޮތުން އެމެރިކާއަކީ ގާނޫނަށް ބޯ ނުލަނބާ ރޯގް ސްޓޭޓެކެވެ. ބާރު ނޫން އެއްޗެއް އެމެރިކާއަކުން ނުދަނެއެވެ.

ޕޮޓް ވަނީ އިންސާނީ ހައްގުތަކުގެ ނަމުގައި ހުޅަނގުގެ ލީޑަރުންނާއި ސަރުކާރުތަކުން ދައްކާ ވާހަކަތަކަކީ ކެހިވެރި ވާހަކަތަކެއް ކަމަށް ސިފަކުރައްވައި، އެ މަޅީގައި ނުޖެހުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފައެވެ.

ރަޝިއާގެ ރިޔާސީ ތަރުޖަމާނު ޑިމިޓްރީ ބިސްކޯވް ވިދާޅުވި ގޮތުގައި އެމެރިކާގެ އަމަލުތަކުގެ ސަބަބުން ކިޔުބާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އެ މީހުން ސަލާމަތްކުރުމަށްޓަކައި ރަޝިއާއަށް ކުރެވިދާނެ ކަންކަމާއި ދެވިދާނެ އެހީތަކާ ބެހޭ ގޮތުން ކިއުބާ ސަރުކާރާ އެކު ރަޝިއާއިން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އެމެރިކާއިން ހިންގާ ކަނޑުފޭރުމުގެ އަމަލުތަކުގެ ސަބަބުން ކިޔުބާގައި އަސާސީ ބޭނުންތަކަށް ވެސް ތެޔޮ ލިބުން ދަތިވެފައިވާއިރު ޖެޓް ފިއުލްގެ ގޮތުގައި މަތިންދާބޯޓުތަކަށް އަޅާ ތެޔޮ އަޅައިދިނުން ވެސް ކިޔުބާއިން މިހާރު ވަނީ ހުއްޓާލާފައެވެ. އަދި، ތެޔޮ އިގުތިސާދު ކުރުމުގެ ފިޔަވަޅުތަކެއް ކިއުބާ ސަރުކާރުން މިހާރު ވަނީ ތަންފީޒުކުރަން ފަށާފައެވެ.

comment ކޮމެންޓް