ރައީސް ޑރ. މުޙައްމަދު މުއިއްޒު ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ވިޔަފާރިވެރީންނާއި ބައްދަލުކުރަައްވައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ބޭރު ފައިސާ ދައުރުވާ މިންވަރާއި، އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރު އިތުރުވެފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.
ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް ރައީސް މުއިއްޒު ޖަރުމަނަށް ފުރާވަޑައިގަތީ އިއްޔެއެވެ.
އެ މަނިކުފާނު މިއަދު ވަނީ ޖަރުމަނުވިލާތުގެ ބާލިންގައި ކުރިއަށްދިޔަ "މޯލްޑިވްސް ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލް"ގައި ބައިވެރިވެވަޑައިގެންފައެވެ. އޭޝިއާ ޕެސިފިކް ކޮމިޓީ އޮފް ޖާމަން ބިޒްނަސްއިން އިންތިޒާމުކުރި މި ބައްދަލުވުމުގައި ރައީސް ވަނީ، ޖަރުމަނުގެ އިސް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އިގުތިސޯދީ ގުޅުން ބަދަހިކުރުމާއި އިންވެސްޓްމަންޓްތައް ފުޅާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
އެ މަނިކުފާނު ވަނީ ރާއްޖެއިން 2040 ވަނަ އަހަރަށް ކުރާ ތަސައްވުރަކީ ދިވެހި އިގްތިޞާދު ހަރުދަނާކޮށް، މުއައްސަސާތައް ޒަމާނީކުރުމަށާއި، ގައުމީ ތަރައްގީއަށް ކަނޑައަޅާފައިވާ ޢަޒުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެގޮތުން، މާލީ ނިޒާމުތައް ޒަމާނީކުރުމާއި، ބޭރުފައިސާ މާރުކުރުމަށް ހުރި މަގުތައް އިތުރަށް ފަހިކުރުމާއި، އާންމު ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއްކަމުގައި އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ވަނީ ރާއްޖޭގެ ރަސްމީ ރިޒާވް ރެކޯޑު މިންވަރަކަށް މަތިކުރެވި ބޭރު ފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގައި ގެނެވިފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވަނީ، މާލީ އަޚުލާގު ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއްކަމުގައި ވިދާޅުވެފައެވެ.
އެފަދަ އީޖާބީ ކުރިއެރުންތަކުގެ ސަބަބުން ރާއްޖެއާމެދު އިންވެސްޓަރުންގެ މެދުގައި އިތުބާރު އިތުރުވެ ގޫގުލް ފަދަ ފަންނިއްޔާތުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި އިންވެސްޓްކުރަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ހަކަތައިގެ ރައްކާތެރިކަމާއި ހަކަތައިގެ އަގުތަކަކީ ރާއްޖެއަށް ހައްސާސް ގޮންޖެހުމެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ އެނާޖީ ޓްރާންސިޝަންގެ ދާއިރާއަކީ ވެސް އުފެއްދުންތެރިކަން ބޭނުންވާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ސޯލާ ސިޓީ ފަދަ މަޝްރޫޢުތަކުގެ އަމާޒަކީ ހަމައެކަނި ކާބަން ބޭރުކުރާ މިންވަރު މަދުކުރުން ނޫންކަމަށާއި ޖަޒީރާތަކާއި އައްސޭރިފަށުގެ ވަސީލަތްތަކަށް ބަރޯސާވާ ދުނިޔޭގެ އިގްތިސޯދުތަކަށް އަތްފޯރާފަށުގެ ދެމެހެއްޓެނިވި އަދި ނަކަލުކުރެވޭފަދަ ހައްލުތަކެއް އުފެއްދުމަކީވެސް އެފަދަ މަޝްރޫތަކުގެ އަމާޒެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ މަނިކުފާނު ވަނީ މިފަދަ ޢަމަލީ އަދި އިތުރަށް ތަނަވަސްކުރުމުގެ ފުރުސަތު ހުރި ހައްލުތައް ރާއްޖޭގައި ތަޙުލީލުކުރާނެކަން ވެސް ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރެވޭ އިތުބާރު އިތުރުކުރުމުގައި ޖަރުމަނުވިލާތުގެ އިންވެސްޓަރުންނާއި ޓުއާ އޮޕަރޭޓަރުންނާއި މާލީ މުއައްސަސާތަކުން އަދާކޮށްފައިވާ ފާހަގަކޮށްލެވޭ ދައުރުގެ މައްޗަށްވެސް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިއާ" ކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ވިދާޅުވެ މި ހަރަކާތުގައި ބައިވެރިވުމަށް ޖަރުމަނުވިލާތުގެ އިންވެސްޓަރުންނަށް އެމަނިކުފާނު ވަނީ ދައުވަތުއަރުވާފައެވެ. އަދި އިންވެސްޓްކުރުމުގެ އާންމު މޮޑެލްތަކުގެ އިތުރުން ދާދި ފަހުން އިފުތިތާޙުކުރި ޕްރޮޖެކްޓް އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް ފަދަ މަޝްރޫޢުތައްވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން ޚާއްޞަ ޚިދުމަތްތައް ތަރައްގީކޮށް ބޭސްފަރުވާއަށް އެހެން ގައުމުތަކަށް ދާންޖެހޭ މިންވަރު މަދުކޮށްގެން ރާއްޖޭގެ ޞިއްޙީ ޚިދުމަތް ޒަމާނީކޮށް ފުޅާކުރުމާ ބެހޭގޮތުން ވެސް ރައީސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި މިދާއިރާގައި ޖަރުމަނުވިލާތާއި ރާއްޖޭގެ މަސްލަހަތު އެއްގޮތްވާކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، މާލީ ދާއިރާގައި ހުރި އިންވެސްޓްކުރުމުގެ ފުރުޞަތުތަކަށް ބައްލަވައި ރާއްޖޭގެ އަމާޒަކީ ދިގު މުއްދަތުގެ ބައިވެރިވުންތަކަށް ޖާގަދޭ ފަދަ، ދެފުށްފެންނަ، ނަތީޖާ އަންދާޒާކުރަން ފަސޭހަ އަދި ގަވާއިދުތަކެއްގެ މައްޗަށް ބަރޯސާވާ މާލީ ވެއްޓެއް ފޯރުކޮށްދިނުންކަމުގައި ވިދާޅުވެފައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ތަޖުރިބާ އާއި ފަންނިންޔާތު އެކުލަވާލުމުގައި ޖަރުމަނުވިލާތުގެ ތަޖުރިބާ އާއި ދެ ގައުމުން ހިއްސާކުރާ މަސްލަހަތުތަކުގެ އަލީގައި ޖަރުމަނުވިލާތަކީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ ތަބީޢީ ބައިވެރިއެއްކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެ، ބޭރު ފައިސާގެ މުހިންމުކަން އިތުރުވެފައިވާއިރު، ފާއިތުވި ދެ އަހަރު ތެރޭގައި ޑޮލަރުގެ އަގު ވަނީ 20 ރުފިޔާއަށް ވުރެ މައްޗަށް އަރައިފައެވެ. ރިޒޯޓުތަކާއި ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތް ހަދައި، މި ސަރުކާރުން އަންނަނީ ދައުލަތަށް ލިބޭ ބޭރު ފައިސާ އިތުރުކުރަން މަސައްކަތް ކުރަމުންނެވެ.