"ބުނެބަލަ.. އަހަންނަށް އަހަރެންގެ ފިރިމީހާގެ މައްޗަށް އެއްވެސް ހައްޤެއް ނެތީތަ؟"
އައިރާގެ އަޑުގައި އިންތިހާ ވޭން ވެއެވެ. ނުބުނަން ހުރެފައިވެސް އޭނަ އެހެން ބުނެލީ ހިތަށް ކެތްނުވުމުންނެވެ. އެކަނިވެރިކަން އިޙްސާސްވާލެއް ބޮޑުކަމުންނެވެ. ހިތުގެ ރިހުންތައް ހާމަކުރާނެ އިތުރު މީހެއް ނެތީތީއާވެސް އެކުގައެވެ.
"އައިރާ! މިހާރު ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ؟" އެކޮޅުން ބުނެލިއެވެ.
"ރިހާމް ކީއްވެތަ ތިގޮތަށް ކަންތައް ތިކުރަނީ؟ އަހަންނަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟ ނޫނީ ރިހާމް ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުނީތަ؟ ރިހާމްއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެންގެ އިތުރު މީހަކު މިތާ ނެތްކަން... ދަންނަ މީހަކު ނޫޅޭކަން. މިހެން އެކަނި މާއެކަނި އިންނަންވުމުން ކިހާ އެކަނިވެރިވާނެ؟" އައިރާއަށް އެހިތުގެ ޝަކުވާތައް ފުރަތަމަ ފަހަރަށް ފިރިމީހާގެ ގާތުގައި ކުރެވުނެވެ. އޭނަގެ ހިތުގެ ޙާލު ހާމަކޮށްލުމުން އެހިތަށް ޙަމްދަރުދީވާނެކަމުގެ އުންމީދުގައެވެ.
"މިވަގުތު ބިޒީކޮށް މިއުޅެނީ. ޝަކުވާ އަޑު އަހާކަށް ވަގުތެއް ނެތް." އެހެން ބުނެލުމަށްފަހު، އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު އައިރާއަށް ދިނުމެއްނެތި ރިހާމް ފޯނު ކަނޑާލިއެވެ. ހީވީ އައިރާގެ ޝަކުވާތަކުގެ އެއްވެސް އަގެއް އޭނަގެ ކުރިމަތީގައި ނެތްހެންނެވެ. އައިރާގެ އަޑުގައިވި އަސަރުތަކުންވެސް އެހިތަށް އަސަރެއް ނުކުރީ ކަންނޭނގެއެވެ.
ރިހާމް ފޯނު ކަނޑާލުމާއެކު އައިރާގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިގަތެވެ. އެ ހިތުގެ ތަކުލީފުތަކާއި، ޝިކާޔަތުތައް ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔައިރު، އައިރާއަށް މެއާ ދިމާލުގައި އަތް ޖައްސާލެވުނެވެ. އޭނަގެ ހިތް ހީވަނީ ފަޅައިގެން ހިނގައި ދާނެހެންނެވެ. ކައިވެންޏަށް ދެ އަހަރުވީއިރު، އެގުޅުން އެވަނީ އޭނަ ދުވަހަކުވެސް އުންމީދު ކުރި ދަރަޖައެއްގައެއް ނޫނެވެ. އޭނަގެ ކުށަކީ ކޮބައިކަން ވިސްނާ ވިސްނާ އައިރާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ. ލޯބިވާކަމަށް ބުނެ ރިހާމް ކުރި ދަޢުވާތައް ކޮބާ ހެއްޔެވެ؟ އުމުރު އެކުގައިވާނެކަމަށް ބުނެ ވީ ވަޢުދުތައް ކޮބާހެއްޔެވެ؟ ދުވަހަކު ދެރައެއް ނުދޭނަކަމަށް ބުނެ ވީ އަހުދުތަކުގައިވެސް މިއަދު އެއްވެސް އަގެއް ނެތީހެއްޔެވެ؟ ރިހާމް އޭނަ މަތީން ފޫހިވީހެއްޔެވެ؟ އެހެން އެންމެންނެކޭ އެއްގޮތަށް ރިހާމްވެސް އޭނަ އެކަނިކޮށްލީހެއްޔެވެ؟ ޝަކުވާތަކުން ހިތް ބަނޑުންވެގެން ދާން ފެށުމުން އައިރާގެ ދެ ތުންފަތް ފޫ ދުއްވާލާފައި މަޑު އާހެއް ނުކުތެވެ. އޭގައި ވަނީ އިންތިހާ ވޭނާ ކެކުޅުމެވެ. އައިރާވަނީ މީހެއްގެ އޯގާތެރިކަމަށް ބޭނުންވެފައެވެ. ވަކިން ޚާއްސަކޮށް އޭނަގެ ފިރިމީހާގެ އޯގާތެރި ފިރުމުމާއި ލޯތްބަށް ބޭނުންވެފައެވެ.
*****
ސޯފާގައި ނިދާފައި އޮތް، ޒަހްރާނަށް ހޭލެވުނީ ފޯނުގެ ރިންގާއެކުގައެވެ. އަޑުން އުނދަގޫވިކަން އެނގުނީ މޫނުމައްޗަށް ވެރިވި އަސަރުތަކުންނެވެ. ދެބުމަ ގާތްކޮށްލުމާއެކު ނުރުހުންވިކަން އެނގުނެވެ. ހަމަ އެއާއެކު އަނެއްފަރާތަށް އެނބުރުނުގޮތުން އޭނަ ފޯނު ނަގަން ބޭނުންނުވާކަންވެސް އެނގުނެވެ. ރިންގްވެފައި ކެނޑުނުއިރުވެސް ޒަހްރާން ފޯނަށް ބަލައެއް ނުލައެވެ. އޭނަ އަނެއްކާވެސް މަސައްކަތްކުރީ ހުވަފެނުގެ އާލަމަށް ގެނބިގެން ދާށެވެ. އެހެންނަމަވެސް، މިފަހަރުވެސް އެކަމެއް ކާމިޔާބެއް ނުކުރެވުނެވެ. ފޯނުގެ ރިންގުގެ އަޑު އަނެއްކާވެސް ކަންފަތުގައި ޖެހުނެވެ.
"ކިހާ ދެރަކަމެއްތަ!" ނިދިއަޑުން ބުނެލުމާއެކު ޒަހްރާން ތެދުވެ އިށީނެވެ. ދެލޯ އުނގުޅާލުމަށްފަހު، ބިއްލޫރި މޭޒުމަތީގައި އޮތް ފޯނު ނަގާ ބަލައިލިއެވެ. އޭރު ގަޑިން ދިހައެއް ޖަހަނީއެވެ. ގުޅަނީ ދޮންބެއެވެ. ފޯނު ނެގުމަށްފަހު ކަންފަތުގައި ޖައްސައިލި ނަމަވެސް، އިސްވެ ޒަހްރާން އެއްޗެއް ނުބުންޏެވެ.
"ހަލޯ. ރެން...... " އަޔާޝް ވާހަކަ ދެއްކިއެވެ.
"ހޫމް..." ޒަހްރާން ހަމައެކަނި "ހޫމް" އަކުން ފުއްދައިލިއިރު، ވާހަކަ ދެއްކުމުގެ މާ ބޮޑު ޝައުޤުވެރިކަމެއް އޭނަގެ ނެތްފަދައެވެ. އަދިވެސް އިނީ ނިދިއައިސްފައިކަން އެ މޫނުގެ އަސަރުތަކުން ދޭހަވެއެވެ.
"އަދިވެސް ނިދަނީތަ؟" އަނެއްކާވެސް އަޔާޝް އަހައިލިއެވެ.
"މިހާރު މި ހޭލީ..." ޒަހްރާން ބުނެލިއެވެ. އިތުރު ވާހަކައެއް ނުދައްކައެވެ. އޭނަގެ ޖަވާބުތައް ކުރެވެ. ހީވަނީ ވާހަކަ ދައްކަން ވެސް ބޭނުން ނުވެފައި ހުރިހެންނެވެ.
"ރެން...." އަޔާޝް ޒަހްރާނަށް ގޮވައިލިއެވެ. ހީވަނީ އޭނަ ބޮޑު ވާހަކައެއް ޒަހްރާނާ ދައްކަން ބޭނުންވެގެން ގޮވައިލިހެންނެވެ.
"ހޫމް..." މިފަހަރުވެސް ޒަހްރާން ދިނީ ކުރު ޖަވާބެކެވެ. އަޔާޝް ދައްކަން އެ އުޅެނީ ކޮން ވާހަކައެއްކަން އޭނައަށް އެނގޭ ފަދައެވެ.
"ކީއްވެ ބައްޕަ ގުޅީމަ ފޯނު ނުނަގަނީ؟" އަޔާޝް ސުވާލުކޮށްލިއެވެ.
"ގުޅިކަމެއް ނޭނގެ." ޒަހްރާންގެ ޖަވާބު އަވަހެވެ.
"ދޮންބެ ދާނަން މިއަދު ތި ގެއަށް..." އެހެން ބުނެލުމަށްފަހު އަޔާޝް ފޯނު ބޭއްވީ، ފޯނުން ވާހަކަ ދެއްކުމަށްވުރެ، ޒަހްރާން ކައިރިއަށް ގޮސްގެން ވާހަކަ ދައްކަން މާ ބޮޑަށްވެސް ފަސޭހަ ވާނެކަން އޭނައަށް އެނގޭތީއެވެ. ފޯނު ކަނޑާލަމުން މޭޒުމަތީގައި ފޯނު ބޭއްވުމަށްފަހު، ޒަހްރާން އަނެއްކާވެސް ސޯފާގައި އޮށޯވެލިއެވެ. އާ ފުރެމުން ކުޝަން ބޯ ދަށަށް ލައްވައިލާ ހަމަޖެހިލުމަށްފަހު، އަނެއްކާވެސް ލޯ މަރައިލިއެވެ.
ނިދާފައި އޮވެވުނީ ކިހާ އިރެއްވަންދެން ކަމެއްވެސް ޒަހްރާނަކަށް ނޭނގުނެވެ. އޭނަގެ ދެލޯ އަނެއްކާވެސް ހުޅުވާލަން މަޖުބޫރުވީ ގޭގެ ބެލްޖެހި އަޑަށެވެ.
"ޕިސް ޕިސް..." ޒަހްރާނަށް ބުނެވުނެވެ. އޭނަ ހީކުރީ އަދި މެންދުރުކަމަށެވެ. އެހެންނަމަވެސް ފޯނު ނަގާ ގަޑި ބަލައިލުމާއެކު، ހައިރާންވިއެވެ. ގަޑިން ފަހެއް ޖަހާ ބޮޑުވެއްޖެއެވެ. ސޯފާއިން ތެދުވެގެން ލޯ އުގުޅަމުން ގޮސް، އޭނަ ސްކްރީނަށް ބަލައިލިއެވެ. ބޭރުގައި ތިބި އަޔާޝްއާއި، އީލާފް ފެނުމުން ދޮރު ހުޅުވައިލިއެވެ.
"އަދިވެސް ނިދަނީތަ؟" ޒަހްރާންގެ ހޭވިފައިވާ އިސްތަށިގަނޑާއި، އޭނަ ހުރި ގޮތް ފެނުމުން އަޔާޝްއަށް އަހައިލެވުނެވެ. އީލާފް އެ ދިޔަ ގޮތަށް ގޮސް ސޯފާގައި އިށީނދެލިއެވެ.
އަޔާޝް ޒަހްރާނާ ކުރިމަތިލައިގެން ހުރިއިރު، އޭނަގެ މޫނުމަތީގައިވަނީ ޒަހްރާނާ ވާހަކަ ދައްކަން ބޭނުންވެފައިވާ އަސަރުތަކެވެ. އެކަން ޒަހްރާނަށްވެސް އެނގުނެވެ.
"ކޮފީއެއް ބޭނުންތަ؟" ޒަހްރާން އަޔާޝްއާ ސުވާލުކޮށްލިއެވެ. އެއާއެކު އަޔާޝް ބޯ ޖަހައިލިއެވެ.
"އެބަ އަންނަން." އެހެން ބުނެފައި ޒަހްރާން ވަނީ ކޮޓަރިއަށެވެ. ގާތްގަނޑަކަށް ފަސްމިނެޓް ފަހުން ނުކުތްއިރު، އޭނަ ހުރީ ކުޑަކޮށް ތާޒާވެލައިހެންނެވެ. ކޮފީ މެޝިނު ކައިރިއަށް ހުއްޓުމަށްފަހު އޭނަ ދެ ކޮފީ ތައްޔާރުކޮށްލަން އަވަސްވެގަތެވެ. އީލާފް ގާތު ސުވާލުކޮށްލުމުން އީލާފް އޭނައަށް އެއަށްވުރެ ނުބައި އެއްޗެއް ނޯންނާކަމަށް ބުނެ އަގަޔަށް ވައްތަރެއް ޖައްސައިލިއެވެ.
"ހޮޓް ޗޮކްލެޓްވެސް ހުންނާނެ." ޒަހްރާން ބުނެލިއެވެ.
"ނޫން. މިވަގުތު ބޭނުމެއް ނޫން. ދެންމެ މިއައީ ބަސްމާ މަންމަ ހަދާފަ ހުރި ވަރަށް މީރު ޑޯނަޓެއް ކައިގެން." އީލާފް ފޯނަށް ގެއްލިފައި އިނދެ ބުނެލިއެވެ. އެ ވާހަކައިން ޒަހްރާން ދެފަރާތަށް ބޯ ހޫރައިލިއެވެ. ބަސްމާގެ ނަން އިވުމުން އޭނަގެ ތަބީޢަތަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. މޫނުމައްޗަށް ފޫހިކަން ވެރިވެގެން ދިޔައެވެ. އެ އަސަރުތައް އެންމެ ގާތުން ދިރާސާކުރީ އަޔާޝްއެވެ. މިވީ އެގާރަ އަހަރު ދުވަހުގެ ތެރޭގައި ބަސްމާގެ ނަން އަޑުއިވުމުން ޒަހްރާންގެ މޫނުމައްޗަށް އަރާ ފައިބާ ކުލަވަރުތަކަށް ބަދަލެއް ނާދެއެވެ. މިއަދުވެސް އެ މޫނުމަތީން ފެނުނީ މީގެ ކުރިންވެސް ފެނުނު ފޫހިކަމާއި ނަފްރަތެވެ. ރުޅިވެރިކަމެވެ.
ކޮފީ ޖޯޑު ހިފައިގެން އައިސް ޒަހްރާން މަޑުކޮށްލީ ކާމޭޒު ކައިރީގައެވެ. އަޔާޝްވެސް މޭޒުދޮށުން ގޮނޑިއެއް ދުރުކޮށްލާފައި އިށީނދެލިއެވެ. ޒަހްރާންވެސް މެއެވެ. އާވި އަރަމުން ދިޔަ ކޮފީ ޖޯޑު އޭނައާ ކައިރިކޮށްލަމުން އަޔާޝް ޒަހްރާނަށް ފުންކޮށް ބަލައިލިއެވެ. އޭރު ކޮފީގެ މީރުވަސް ވަނީ ތަނުގައި ހިފާލާފައެވެ. ޒަހްރާންވެސް ކޮފީ ތަށި މޭޒުމަތީގައި ބަހައްޓާލައިގެން އިނީއެވެ. ހީވީ އޭނަ އަޔާޝްގެ ވާހަކައަކަށް އިންތިޒާރު ކުރަނީ ހެންނެވެ.
"ދެން ހަމަ ގެއަށް ނުދާނީ؟" އަޔާޝް ސުވާލުކޮށްލިއެވެ. ޒަހްރާން އަޔާޝްއާ ނަޒަރު ވަކިކޮށްލުމާއެކު ބޯ ޖަހައިލިއެވެ.
"ތިހާ ބޯ ހަރުވާކަށް ނުވާނެ. މިހާރު އެގާރަ އަހަރުވީ. ރެން އަދިވެސް ގޮތް ދޫކުރަން ނުވަނީތަ؟" އަޔާޝް ސުވާލުކޮށްލިއެވެ. އޭނަ ޒަހްރާނަށް ވިސްނައިދޭން ބޭނުންވެފައިވާ މިންވަރު އެ އަޑުގައިވި އަސަރުތަކުން އެކަނިވެސް ދޭހަވެއެވެ.
"ބައްޕަވެސް ހުންނެވީ ވަރަށް ދެރަވެފަ. ގެއަށް ނުދަންޏާ ކުޑަ މިނުން ބައްޕަގެ ފޯނު ރެންއަށް ނަގާލެވޭނެއެއް ނޫންތަ؟" އަޔާޝް ދެވަނަ ފަހަރަށްވެސް ވާހަކަ ދެއްކިއެވެ. ޒަހްރާން ހިމޭނުން އިނީތީ އިތުރަށް ވެސް ވާހަކަ ކުރިއަށް ގެންދަން އޭނައަށް ހިތްވަރު ލިބިގެން ދިޔައެވެ.
"ބައްޕަ ހުރީ ރެން ކައިރިއަށް އަންނަން ބޭނުންވެފަ. މިއަދު އެކަމު މުހިންމު ކަމަކު ރާއްޖެ ތެރޭ ރަށަކަށް ދާން ޖެހުނީމަ ނާދެވުނީ... ދެން ތި ރުޅިގަނޑު މަޑުކުރޭ... ރުޅިއަކީ ބައެއްފަހަރު އިންސާނާގެ ހަލާކު. ބަސްމާ މަންމަ ގޯހެއް ނޫނޭ..." އަޔާޝް ބުނެލިއެވެ. އެއާއެކު ޒަހްރާން، އެއްމިޔަކަށް ހީލީ މަލާމާތުގެ ގޮތުންނެވެ.
"ކިހިނެއްވީ؟" އަޔާޝް ސުވާލުކޮށްލިއެވެ. ޒަހްރާނަށް ވީ ކީއްކަން އެނގުނު ނަމަވެސް، އޭނަ ބޭނުންވީ ޒަހްރާން ބުނާ އެއްޗެއް ބަލާލުމެވެ.
"އައި ވޮންޑަރ... އޭނަ ކޯއްޗެއް ކާންދީގެންބާއޭ އީލު އާ ދޮންބެ ތިއުޅެނީ؟ ހައު ކޭން ޔޫ ސޭ ދެޓް. މަންމަގެ ދަރަޖަ ބަސްމާއަށް ތި ދެނީ ކީއްވެގެން؟ އައި ކެން ނެވަރ ޑޫދެޓް..." ޒަހްރާނަށް ބުނެވުނެވެ. އޭބަ ބަސްމާގެ ނަން ކިޔައިލިއިރު، ދެބުމަ ގާތްވެލިއެވެ.
"މަންމަގެ ދަރަޖަ ދުވަހަކުވެސް ޒަހްރާން ތިބުނާ ބަސްމާއަކަށް ނުދެވޭނެ. އެކަމަކު މިއަދު އަހަރެމެންގެ މަންމައެއްގެ މަޤާމުގައި ހުރި މީހަކީ އެއީ. ދޮންމަންމަ ވެގެން ދުވަހަކުވެސް ދޮންމަންމައެއްގެ އިޙްސާސް އަހަރެމެންނަށް ކޮށްދިންތަ؟ އަހަރެމެންނާ ދޭތެރޭ ގޯސްކޮށް ކަންތައް ކުރިތަ؟ ފުރަތަމަ ކޮޅު ދޮންބެއަށް ވެސް އުނދަގޫވިއޭ. އެކަމަކު...." އަޔާޝްގެ ވާހަކަ މިފަހަރު މެދު ކަނޑައިލީ، ޒަހްރާނެވެ.
"އައި ޑޯންޓް އަންޑަރސްޓޭންޑް އެންމެން މާ އޭނަ ވެގެން އުޅޭ ސަބަބެއް. އޭނަގެ ވާހަކަ ނުދައްކާ...ޖަސްޓް... ސްޓޮޕް އިޓް. އަހަރެންގެ ހިތް އޭނަގެ މައްޗަށް ދުވަހަކު ހެވެއް ނުވާނެ." ޒަހްރާން ބުނެލިއެވެ. އޭނަ ކޮފީ ތަށި ނަގާ ތުމުގައި ޖަހާ އެތިފޮދެއް ބޮއިލިއެވެ.
"ފައިން..." އަޔާޝްވެސް ކޮފީ ތަށި ތުމުގައި ޖެހިއެވެ. އެތިފޮދެއް ބޮއިލުމަށްފަހު، އޭނަ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"އެކަމަކު އެޓްލީސްޓް ބައްޕަ ގުޅީމަ ފޯނު ނަގާފަ ވާހަކަ ނުދެއްކޭނެތަ؟ ބައްޕައަށްޓަކައި ގެއަށް ގޮސް ނުލެވޭނެ؟" އަޔާޝް ބުނެލިއެވެ.
"އެ އަންހެނާ އެތަނުގައި އުޅެނިކޮށް ދާކަށް ބޭނުމެއް ނޫން." ޒަހްރާން ބުނެލިއެވެ.
ޒަހްރާނަށް ވިސްނައިދިނުމަކީ ނާދިރުކަމެއްކަން އަޔާޝްއަށް ޤަބޫލުކުރެވުމާއެކު، އޭނަ އެންމެފަހުން ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އަން. މިއޮތީ ތަޅުދަނޑި." އަޔާޝް ޖީބުން ނެގިތަޅުދަނޑިއެއް ޒަހްރާނަށް ދިއްކޮށްލިއެވެ. ޒަހްރާން އޭގައި ހިފުމުން އަޔާޝް ވާހަކަ ދެއްކިއެވެ.
"ތިރީ ޕާކިން ލޮޓްގައި އިންނާނެ ސައިކަލު. މިރޭ ކާރު ފޮނުވާނަން. ބައްޕަ ބުނި މިއަދުވެސް ފޮނުވަން. އެކަމަކު ބިޒީވެގެން ނުވީ...." އަޔާޝް ބުނެލިއެވެ. އީލާފް ކާރުގައި އައިއިރު، ޒަހްރާންގެ ސައިކަލު ގެނެސް ދިނުމުގެ ބޭނުމުގައި އަޔާޝްއައީ ސައިކަލުގައެވެ.
"ހެލްމެޓްވެސް އިންނާނެ ސައިކަލުގަ." އަޔާޝް ބުނެލިއެވެ. ޒަހްރާން ބޯ ޖަހައިލިއެވެ.
"ތޭންކްސް ފޯރ ދި ކޮފީ..." އަޔާޝް ކޮފީ ތައްޓަށް އިޝާރާތްކޮށްލާފައި ބުނެލިއެވެ. އޭނަ ހިނިތުންވެލިއެވެ. ޒަހްރާންވެސް ރައްދުގައި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އަޔާޝް ފުންނޭވާއެއް ދޫކޮށްލިއެވެ. ޒަހްރާންގެ ރުޅިގަނޑު ފިނިވާނީ ކޮން ދުވަހަކުން ބާއޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. އެގާރަ އަހަރުވީއިރު އެމީހުން އެކަކަށްވެސް ނިއްވާނުލެވުނު ނަފްރަތުގެ އަލިފާންގަނޑު ދެންވެސް ނިވިދާނެކަމާއެކު އަޔާޝްގެ ހިތުގައި ޝައްކު އުފެދިފައިވެއެވެ.
"އީލު ކީއްތަ ތިކުރަނީ؟" ޒަހްރާން އީލާފަށް ބަލައިލިއެވެ. އައިއްސުރެ އީލާފް އިނީ ފޯނުން ކޮންމެވެސް ކަމެއް ކުރާށެވެ.
"ކުޑަކަމަކު ފްރެންޑަކާ ވާހަކަ ދައްކަނީ." އީލާފް ބުނެލިއެވެ.
"ފްރެންޑެއް؟" ޒަހްރާނަށް ބުނެވުނެވެ.
"ހޫމް. ދެން ކާކު؟" މާ ބޮޑު ވިސްނުމަކާ ނުލާ އީލާފް ބުނެލިއެވެ. ޒަހްރާން ދެފަރާތަށް ބޯ ހޫރައިލިއެވެ. އީލާފްގެ މައުސޫމްކަމުން އޭނަގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
*****
ހެންވޭރުގައި ހުންނަ "އޯކިޑްވިލާ" އަކީ ދިހަ ބުރީގެ އިސް އިމާރާތެކެވެ. އެއީ ރާއްޖެއަށް މަޝްހޫރު ކޮންސްޓްރަކްޝަން ވިޔަފާރިވެއެއްކަމަށްވާ ރަޝީދުގެ ގެއެވެ. ރަޝީދުގެ ބައްޕަ އަހްމަދާއި، މަރިޔަމް ނިޔާވުމުން އެގެ ރަޝީދަށް އެކީ ލިބުނީ އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިއަކީ ރަޝީދު ކަމުގައި ވާތީއެވެ. މީގެ ތިން އަހަރު ކުރިން އަހްމަދު ނިޔާވިއިރު، އެ ގެވެސް ހުރީ ހަދާ ނިމިފައެވެ. ދިހަ ބުރިއަށް ނެގުމަށްފަހު، އެންމެ މަތީ ދެ ފްލޯ ނޫނީ ހުރިހާ ފްލޯއެއް ހުންނަނީ ކުއްޔަށް ދީފައެވެ. ނުވަ ވަނަ ފްލޯއިން ދިހަ ވަނަ ފްލޯއަށް، އަދި ދިހަ ވަނަ ފްލޯއިން ޓެރެސްއަށް ދެވެނީ ގޭތެރޭގައިވާ ސިޑިއަކުންނެވެ. ވަކި ލިފްޓެއްވެސް ހުރެއެވެ.
ޕެންޓް ހައުސްއެއް ގޮތަށް ފަރުމާ ކޮށްފައިވާ އެ ދެ ފްލޯގެ ހިތްގައިމުކަމާއި އިންޓީރިއާ އަކީ ރަޝީދުގެ ތަނަވަސް ސިކުނޑިން އުފަންވެގެން އައި ޚިޔާލުތަކެކެވެ. ގޭތެރޭގެ ފަރުނީޗަރުތަކުން ފެށިގެން ގޮސް، ސޯފާއަކަސް އެއީ، ކަސްޓަމައިޒްކޮށް ރަޝީދު ހަދާފައިވާ އެއްޗެއްސެވެ. ގޭގެ ފުރިހަމަކަމާއި މުއްސަނދިކަން ބަލައިލި ކޮންމެ ދިމާލަކުން ފެންނަމުން ދިޔައެވެ.
ކާކޮޓަރި ތެރޭގައި ހިފާލާފައިވަނީ ކާއެއްޗެހީގެ މީރުވަހެވެ. ދިގުކޮށް ހުރި މޭޒު ދޮށުގައި ރަޝީދުގެ ޢާއިލާގެ ހުރިހާ އެންމެން ތިއްބެވެ. އޭނަގެ އަންހެނުން ޝާފިޔާއާއި، ދޮށީ ދަރިފުޅު ރިހާމްގެ އިތުރުން ހަގު ދަރިފުޅު ޝުބާއެވެ. ގޭގައި ގެންގުޅޭ ނޯކަރު ކުއްޖަކު ވެސް އެމީހުންގެ ޚިދުމަތުގައި ހުއްޓެވެ.
ރަޝީދު، ޝާފިޔާއަށް ލޮލުން އިޝާރާތްކޮށްލިއެވެ. ވާހަކަ ފެށުމަށް އޭނަ އެދުނީކަން އެނގުމުން ޝާފިޔާ ބަލައިލީ ރިހާމްއަށެވެ.
"ދަރިފުޅާ. ރަނގަޅަށް ސައިބޮއްޗޭ." ޝާފިޔާ ބޭނުންވީ ރިހާމްގެ ސަމާލުކަންކަން ރިހާމްއަށް ދެނެގަނެވުނެވެ. އޭނަ ޝާފިޔާއަށް ބަލައިލީ ވާހަކަ ކުރިއަށް ގެންދާށޭ ބުނުމުގެ ގޮތުންނެވެ. މަންމަގެ އަސްލު މަޤްސަދަކީ އެ ސުވާލު ނޫންކަން ރިހާމްއަށް އެނގޭތީއެވެ. އަދި ޝާފިޔާ ދައްކަން އުޅޭ ވާހަކަވެސް އޭނައަށް އެނގޭތީއެވެ. ޝާފިޔާ ރަޝީދަށް ވެސް އަވަސް ނަޒަރެއް ދިނެވެ. ރަޝީދު ބޯ ޖަހައިލީ ވާހަކަ ކުރިއަށް ގެންދާށޭ ބުނުމުގެ ގޮތުންނެވެ. އެއާއެކު ޝާފިޔާ ރިހާމްއަށް ބަލައިލުމަށްފަހު، ވާހަކަ ދައްކަން ފެށިއެވެ.
"މިރޭ ދަރިފުޅު ގޭގަ މަޑުކުރައްޗޭ..." ޝާފިޔާ ބުނެލިއެވެ. " އެނގޭ ދޯ މަންމަ މިބުނަނީ ކީކޭކަން؟"
އެއާއެކު ރިހާމް ބޯ ޖަހައިލިއެވެ. އޭނަ އައިރާގެ ކައިރިއަށް ނުދާތާ ވެސް ތިން ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ.
"މިރޭ ދާނިޔާއާ ދާނިޔާގެ އާއިލާ މިގެއަށް އަންނާނެ."
(ނުނިމޭ)