މަޝްހޫރު ސިޓްކޮމް ޝޯ ކަމަށްވާ "ފްރެންޑްސް"ގެ ތީމް ލަވައަކީ އެ ޝޯ ނުބަލާ ގިނަ ބަޔަކަށް ވެސް އެނގޭ އެއްޗެކެވެ. ތީމް ލަވައިގެ އަތް ޖަހާ ހިސާބުން އެތައް ބަޔަކަށް އެއީ ކޮން ލަވައެއްކަން އެނގެއެވެ. މިއީ އެތައް ބަޔަކު ވަރަށް ލޯބިކުރާ ލަވައެކެވެ. ނަމަވެސް ޝޯގެ ލީޑް އެކްޓަރަކަށް މި ލަވައަކީ ވަރަށް ފޫހި އެއްޗެކެވެ. އަޑު އިވޭއިރަށް ރުޅިވެސް އާދެއެވެ.
އެތައް އަހަރެއްވި ނަމަވެސް އަދިވެސް އެންމެ ގިނަ ބަޔަކު ވާހަކަދައްކާ ޝޯތަކުގެ ތެރޭގައި ފްރެންޑްސް ހިމެނެއެވެ. މި ޝޯގެ ކެރެކްޓަރުންނަކީ މިއަދާ ހަމައަށްވެސް އެތައް ބަޔަކަށް ކަމުދާ ބައެކެވެ.
ޝޯގެ ލީޑް ކެރެކްޓަރެއް ކަމަށްވާ ރޮސް ގެލާގެ ރޯލުން ފެނިގެންދާ އެކްޓަރު ޑޭވިޑް ޝްވިމާ ވަނީ ފްރެންޑްސްއަށްފަހު އޭނާގެ ކެރިއަރާ ގުޅޭގޮތުން އިންޓަވިއުއެއް ދީފައެވެ. އިނގިރޭސިވިލާތުގެ ޕޮޑްކާސްޓެއް ކަމަށްވާ "މޭކިން އަ ސީން"އަށް ދިން އިންޓަވިއުއްގައި ޝްވިމާ ބުނެފައިވަނީ ފްރެންޑްސްގެ ތެރެއިން ކަމު ނުދާ ބައެއް ކަންތައް ހުރި ކަމަށެވެ.
ޝްވިމާ ބުނި ގޮތުގައި ފިލްމުގެ އެންމެ މަގުބޫލު ދުވަސްވަރު ތީމް ލަވަ "އައިލް ބީ ދެއާ ފޯ ޔޫ" އަކީ ދާ ކޮންމެ ތަނަކުން އަޑު އިވުނު އެއްޗެކެވެ. އެހާ ހިސާބުން ލަވަ އަޑު އިވުނަސް ރުޅި ގަދަ ވާ ކަމަށް ޝްވިމާ ބުންޏެވެ.
އަޑު އިވި އިވި ލަވައިގެ މަތީން ފޫހިވި ވަރުން އެ ރުޅިގަނޑު ފިލައި ނުދާ ކަމަށްވެސް ޝްވިމާ ބުންޏެވެ.
"އެ ދުވަސްވަރު ފިލްމުގެ އިންޓަވިއުއަކަށް ދިޔަސް އެހެން ތަނަކަށް ދިޔަސް އެންމެ ފުރަތަމަ އިންޓްރޯއަކަށް ދޭނީ މި ލަވަ،" ޝްވިމާ ބުންޏެވެ.
މިހާރު ލަވައަށް އޮތް ފޫހިކަން ކުޑަކޮށް މަދުވާން ފަށާފައިވި ނަމަވެސް އަދިވެސް އެ ލަވަ އަޑުއަހާ ހިތްވަރު ނެތް ކަމަށް ޝްވިމާ ބުންޏެވެ.
ކޮމެޑީ ޝޯ ފްރެންޑްސް ދައްކަން ފަށާފައިވަނީ 1994 ވަނަ އަހަރެވެ. ކާމިޔާބު 10 ސީޒަނަށް ފަހު ޝޯ ނިންމާލާފައިވަނީ 2004 ވަނަ އަހަރެވެ.