އައްޑޫ ސިޓީ ހިތަދޫ، "އާރިކިޅި" ކުޅިތެރޭ މަރުވެފައި އޮތް ބިދޭސީ މީހާގެ މަރާ އެހެން މީހަކާ ގުޅުމެއް ނެތްކަން ތަހުގީގަށް ކަށަވަރުކުރެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އެ މީހާ ކުޅި ތެރޭގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ، މިދިޔަ ބުދަ ދުވަހުއެވެ.
ފުލުހުން އެ ދުވަހު ބުނީ ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެ ދުވަހުގެ ހެނދުނު 9:33 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން "ސަން" އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގައި މިހާތަނަށް ކުރި ތަހުގީގުން ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައެއް ނެތް ކަމަށެވެ.
އަދި އެ މީހާ މަރުވުމަކީ އެހެން މީހެއްގެ އަމަލެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫންކަން ސީސީޓީވީ ފުޓޭޖް ދިރާސާކުރުމުން ކަށަވަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަރުވެފައި ވަނީ ބިދޭސީ ފިރިހެނެއް ކަމަށް މީގެ ކުރިން ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަނީ އެ މީހާ އެ ކުޅީގެ ތެރޭގައި ބަނޑުން އޮށްވައެވެ.